ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް އަދި މެންގްރޫވްސް ފޮރ ދަ ފިއުޗަރ ގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކުގެ، ޕްރޮޖެކްޓް ޓީމްތަކަށް ހާއްސަ ކޮށްގެން ބާއްވާ ‘ޕްރޮޖެކްޓް ސައިކަލް މެނޭޖްމެންޓް ޓްރެއިނިންގ ވާރކްސޮޕް’
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަމަންޓް ފަންޑުގެ އެހީއާއި އެކު މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަޤުޞަދަކީ އިޤްޞާދީ، އިޖްތިމާޢީ، އަދި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުންތަކަށް ސަލާމަތްވުމަށް ޢަމަލު ކުރާނެ އުޞޫލުތަކާއި، ފިޔަވަޅުތައް އެކުލަވާލުމެވެ. އަދި މި ޕްރޮޖެކްޓްގެ އެންމެ ބޮޑު އެއް ބަޔަކީ ޓޫރިސްޓް ރިސޯޓްތައް އަދި އެ ރިސޯޓްތަކާއި ސީދާ ގޮތުން ގުޅިފައިވާ މުޖުތަމަޢުތަކަށް އަމާޒް ކޮށްގެން ހިންގޭ ޕްރޮޖެކްޓްތަކެވެ.
މިގޮތުން ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓާއި ޔޫ.އެން.ޑީ.ގެ މެންގްރޫވްސް ފޮރ ދަ ފިއުޗަރ ޕްރޮޖެކްޓް ގުޅިގެން، މި ދެ ޕްރޮޖެކްޓުގެ ދަށުން ހިންގޭ، އަދި ހިންގުމަށް ހަމަޖެހިފައިވާ ގްރާންޓް ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ޕްރޮޖެކްޓް ސައިކަލް މެނޭޖްމެންޓް ޓްރެއިނިންގް ވާރކްސޮޕެއް ޖެނުއަރީ 24 އަދި 25ގައި ސްޓެލްކޯ ޓްރެއިނިންގ ރޫމްގައި ވަނީ ބޭއްވިފައެވެ. މި ޓްރެއިނިންގެ މަގްސަދަކީ ޕްރޮޖެކްޓް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތާއި، އަދި ޕްރޮޖެކްޓާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދިނުމެވެ. އަދި ޕްރޮޖެކްޓްގެ ބަޖެޓާއި، ރިޕޯރޓިން އެކުލަވާލާނެ ގޮތްތަކާއި، ތިމާށި އަދި ތަރައްގީއާއި ގުޅިފައިވާ ޕްރޮޖެކްޓުތައް ހިންގުމުގައި ސަމާލުކަން ބަހައްޓަންޖެހޭ ކަންތައްތަކާއި، ޕްރޮޖެކްޓްތަކުން އެންމެ ރަނގަޅު ނަތީޖާ ނެރުމަށް، ހަރަކާތްތައް ރާވާނެ ގޮތުގެ މަޢުލޫމާތުދެވިފައިވެއެވެ.
މި ޓްރެއިނިންގ ވާރކްޝޮޕްގައި މެންގްރޫވްސް ފޮރ ދަ ފިއުޗަރ ޕްރޮޖެކްޓަށް ޕްރޮޕޯސަލް ތައްޔާރު ކުރަމުން ގެންދާ ފަސްފަރާތެއް އަދި ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކުގެ 8 ޕްރޮޖެކްޓެއްގެ ޕްރޮޖެކްޓް ޓީމް ބައިވެރިވެފައިވެއެވެ.
.މި ޓްރެއިނިންގ ޕްރޮގްރާމްގެ ޓެކްނިކަލް ޝެޝަންސްތައް ކުރިއަށްގެންގޮސް ދެއްވާފައިވަނީ މެންގްރޫވްސް ފޮރ ދަ ފިއުޗަރ ޕްރޮޖެކްޓްގެ ރީޖިނަލް އޮފީހުގެ ފަންނީ ބޭފުޅުންނެވެ.